މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޓަވަރެއްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއް ފުލުހުން ތަހުޤީޤްކުރަން ފަށައިފި އެވެ.
ފުލުހުން މި ތަކެތި ހޯދާފައިވަނީ މިމަހުގެ 09 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނެ ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރުއެވެ. އެޕާޓްމަންޓް ބަލާފާސްކުރުމުގެ ތެރޭގައި، ފުލުހުންނަށް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ މާއްދާތައް ފެނިފަ އެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 17.39 ކިލޯއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެވަގުތު އެޕާޓްމަންޓުގައި ހުރި ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުޙައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.



