އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ބަހުސް މަޖިލީހުގައި ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ ބަޖެޓް ބަހުސްގައި ކޮންމެ މެންބަރުންނަށް ވާހަކަ ދެއްކެވުމަށް 15 މިނެޓްގެ ފުރުސަތެއް އަދި ބަޖެޓް ކޮމިޓީޣެ ރިޕޯޓަށް ވާހަކަ ދެއްކުމަށް 7 މިނެޓްގެ ފުރުސަތެއް ދެއްވުމަށެވެ.
މަޖިލީހުގެ ރިޔާސަތުގައި މިއަދި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މިއަދު ބަޖެޓް ބަހުސް ކުރިއަށްގެންދާނީ 1 ގަޑިއިރަށް ކަމަށެވެ. އަދި ދެން ބަޖެޓް ބަހުސް ކުރިއަށް ގެންދަވާނީ ބުދަ ދުވަހުގެ ޖަލްސާގައި ކަމަށެވެ.
ބަޖެޓް ކޮމިޓީގެ މަސައްކަތްވެސް ފަށާފައިވާއިރު، އިއްޔެ ކޮމިޓީއަށް ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބެފުޅުން ހާޒިރުކޮށްފަ އެވެ. އަދި މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރައްވާނެ އެވެ.
ސަރުކާރުގެ ފަރާތުން 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.
2026 ވަނަ އަހަރު އަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ މި ހިނގާ 2025 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 ޕަސެންޓްގެ އިތުރުވުމެކެވެ. 2026 ވަނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭއިރު ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މީގެއިތުރުން އަންނަ އަހަރު ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެކެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މި އަހަރާއި އަޅައިބަލާއިރު، ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކޮށްފައިވެ އެވެ.



