ގއ. ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ %90 މަސައްކަތް ނިމިފައިވާ ކަމަށް، މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
މި މަޝްރޫޢުގެ ދަށުން އެރަށަށް 9.16 ހެކްޓަރުގެ ބިން އިތުރުކުރެވޭނެ އެވެ. އެމްޓީސީސީން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަހައްދުގައި ބައުންޑްވޯލް ޖެހުމުގެ މަސައްކަތާއި ވެލި އެޅުމުގެ މަސައްކަތެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރެއްވީ ހައުސިން މިނިސްޓްރީއިންނެވެ. 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 44.33 މިލިއަން ރުފިޔާ އެވެ. ބިން ހިއްކުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، މިއީ ކޮލަމާފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ލިބޭނެ ބޮޑު ހައްލެކެވެ.
ކޮލަމާފުށީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، އެރަށަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. ރަށުގައި މިހާރުވެސް ގޯތި ބޭނުންވެފައިވާ އެތައް އާއިލާތަކެއް އެބަތިބިކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ގއ. ކޮލަމާފުއްޓަކީ 1،600އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. ނިސްބަތުން ބޮޑު ރަށެއް ނަމަވެސް، ދިރިއުޅުމަށް ގޯތި ދޫކުރުމުގެ ސަބަބުން ރަށުގެ ބިން މިހާރު ވަނީ އެއްކޮށް ފުރިފަ އެވެ. ކޮލަމާފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2006 ވަނަ އަހަރު ކަމަށް ވެއެވެ. މިހާރު އިތުރުކުރެވޭ ބިމުގެ ސަބަބުން ގިނަ އަހަރުތަކެއް ވަންދެން ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގއ. ކޮލަމާފުށި
