ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި އެވެ.
މި މަހުގެ 6 ވަނަ ދުވަހު އުފެއްދި މި ކުންފުންޏަކީ އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ، ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން މި ކުންފުނީގެ ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރުގެ މައުލޫމާތު ފެނެ އެވެ.
ޕޯޓަލްގައިވާ ގޮތުން، މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އަދި އެމްއޭސީއެލްގެ ބޯޑު މެންބަރު މުހައްމަދު މިހާދުގެ އިތުރުން، އަހުމަދު އަސްއަދު ހާޝިމް، ހުސައިން ރިޔާޒު އަދި އަހުމަދު ސާނިއު ވެސް ވަނީ މި ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހަމަޖައްސާފަ އެވެ.
ޕެނިންސިއުލާ އިންފްރާސްޓްރަކްޗާއިން މިހާރު ވަނީ މަޝްރޫއުތައް ހިންގުމަށް ޕާޓްނަރުން ހޯދުމަށް އިއުލާނު ކޮށްފަ އެވެ. މި ކުންފުނީގެ މައިގަނޑު މަޤްސަދަކީ ކުންފުންޏަށް ފައިދާ ހުރި ދެމެހެއްޓެނިވި ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ހިންގުމެވެ. މީގެ ތެރޭގައި ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، އެފަދަ މަސައްކަތްތަކަށް ބޭނުންވާ ހެވީ ވެހިކަލްތައް ކުއްޔަށް ދިނުން ހިމެނެ އެވެ.
މި ކުންފުނި އުފެއްދުމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ފަރާތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް


