ކޮމަންވެލްތުގެ ސަބަބުން ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވީ ބާބަޑޯސްގައި މިހާރު ކުރިއަށްދާ 68 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
”ދަ ކޮމަންވެލްތު: އަ ގްލޯބަލް ޕާޓްނަރ“ މި ޝިއާރުގެ ދަށުން ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ކޮމަންވެލްތަކީ އަބަދުވެސް ޤައުމުތަކުގެ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ އިއްތިހާދެއް ކަމަށާއި ކޮންމެ ސައިޒެއްގެ ޤައުމަކުންވެސް ޑިމޮކްރަސީއާއި އިންސާފާއި އެއްބާރުލުން ދިނުމުގައި އެއް މަގުސަދެއްގައި ތިބެގެން ގުޅުން ބަދަހި ކުރަމުންދާ ކަމަށެވެ. އަދި ކޮމަންވެލްތަކީ ގިނަ ޤައުމުތައް އެއް މަޤްސަދެއްގައި ގުޅުވައިދޭ އަމަލީ، ބާރުގަދަ އަދި ދިރުންހުރި އިއްތިހާދީ ބައިވެރިވުމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމަންވެލްތުގެ ހުރިހައި ޤައުމަކުންހެން ހިއްސާކުރާ އެންމެ ބޮޑު ގޮންޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތައްކަން ފާހަގަ ކުރައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ނާޒިމް ފާހަގަކުރެއްވި އެވެ. އަދި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ރާއްޖޭގެ ތަރައްޤީގެ އެޖެންޑާގެ މުހިންމު ބައެއްގެ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާ ބެހޭ ސިޔާސަތުތައް ހިމަނާފައިވާކަމަށް ވިދާޅުވި އެވެ.
ކޮމަންވެލްތަކީ ބަދަހިކަމެއް ގެނެސްދޭ އިއްތިހާދެއްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، ކޮމަންވެލްތުގެ ސަބަބުން ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށެވެ.
”މި ޕާޓްނަރޝިޕް އިތުރަށް ދިރުވައި، ހުރިހައި ޤައުމެއް ބައިވެރިވާ، ޝާމިލު އަދި ވަށައި ޖެހޭ، އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އީޖާބީގޮތަށް ކުރިމަތިލެވޭ ގޮތަށް މި ގުޅުން ދިރުވަންޖެހޭ. އެހެން ވެއްޖެނަމަ، އޭގެ ފައިދާ އަޅުގަނޑުމެންގެ ކޮންމެ ޤައުމެއްގެ ކޮންމެ ފަރުދަކަށްވެސް އެތައް ގުނައަށް އިތުރު ވެގެންދާނެ.“ ނާޒިމް ވިދާޅުވި އެވެ.
ކޮމަންވެލްތުން ރާއްޖޭގެ އިންތިޚާބުތައް އޮބްޒާވް ކުރުމާއި، ސިވިލް ސަރވިސް މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގައި އެ ޕްރޮގްރާމްތައް މުހިންމު ހިއްސާތަކެއް އަދާކޮށްފައިވާކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވަނީ 2026 ވަނަ އަހަރު ކުދި ޤައުމުތަކުގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ކޯ-ޗެއަރގެ ގޮތުގައި ރާއްޖެއިން މަސައްކަތްކުރާނެކަން އިއުލާންކުރައްވާފަ އެވެ.



