2026 ވަނަ އަހަރުގެ ޖެނުވަރީ މަހުން ފެށިގެން، ރާއްޖޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ ގޮތުން މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އދ. އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލި ރައްޔިތުންނާ ބައްދަލު ކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
މާމިގިލީ ބަނދަރު ސަރަޙައްދުގައި ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، މި އިންތިޒާމު ހަމަޖެހުމުން މަސައްކަތުގެ މާހައުލުގެ ފަށަލަތަކެއް އުނިވެ، މަސައްކަތުގެ ކުރުންތެރިކަން އިތުރުވެ، އެތައް ގޮތަކުން ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
”އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލުތައް މެދުވެރިކޮށް ބޭސް ހޯދަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ. އަދި ބޭސް ހޯދުމާއި، ވަޒީފާތައް އެޕްރޫވްކުރުމާއި، އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައިވެސް ލުއިފަސޭހަވެގެންދާނެ،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި އިންތިޒާމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި، ފަންނީ ވަސީލަތްތައް ހޯދުމާއި، އިންސާނީ ވަސީލަތް ތަމްރީނުކުރުން ހިމެނޭ ކަމަށާއި، މި އަހަރުގެ ނިޔަލަށް މި ކަންކަން ހަމަޖެހޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ދަތުރުދިއުމަށް ހާއްސަ ރަށެއް ކަނޑައެޅިގެންދާނެ ކަމުގެ އުފާވެރި ހަބަރެއް ދެއްވާފަ އެވެ. މި ރަށްތަކަކީ ފަތުރުވެރިކަމުގެ ބޭނުމަށާއި، އާންމު ރައްޔިތުންގެ ބޭނުންތަކަށްވެސް ގޮސް އުޅެވޭނެ ރަށްތަކެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށާއި، މިކަމާ ގުޅޭ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.



