ރަސްމީ އިދާރާތަކުން ދޫކުރާ ލިޔުންތަކާއި، ތައުލީމީ ސެޓްފިކެޓްތަކުގައި ޤާނޫނީ ވަކީލުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ”މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާ ގުޅޭ އުސޫލު“ އަކީ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެމްކިޔުއޭއިން އަމަލުކުރުމަށްޓަކައި އެ އިދާރާއިން ދޫކޮށްފައިވާ އެކިއެކި ލިޔިުންތަކުގެ ކޮޕީތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި އެ އިދާރާއިން އަމަލުކުރާނޭ އުސޫލުތައް ކަނޑައަޅައި އެކަމާގުޅޭ އިޖުރާއަތުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.
އެމްކިޔުއޭގެ މި އުސޫލުގެ ސަބަބުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި ޤާނޫނީ ވަކީލުން އަމަލުކުރަންޖެހޭ މިންގަނޑަށް ހަނިކަމެއް ނުވަތަ ބަދަލެއް އައިސްފައިނުވާ ކަމަށް ބާ ކައުންސިލުން ބުނެފައިވެ އެވެ.
އެހެންކަމުން ”އަސްލާ އެއްގޮތް ކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު“ އާ އެއްގޮތްވާ ގޮތުގެމަތިން، ރަސްމީ އިދާރާތަކުން ދޫކުރާ ލިޔުންތަކާއި، ތައުލިމީ ސެޓްފިކެޓުތަކާއި ސަނަދުތަކުގައި ޤާނޫނީ ވަކީލުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ބާ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޤާނޫނީ ފަންނުގެ ޤާނޫނުގައި ބުނެފައިވަނީ، ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން، އެތަނަކުން ދޫކޮށްފައިވާ ލިޔުމެއްގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހިދާނެ ކަމަށާއި އަދި ދިވެހިރައްޔިތުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔުންތައް ނުވަތަ ތަޢުލީމީ ސަނަދުތައް ބޭރު ޤައުމުތަކުގައި ބޭނުންކުރުމަށްޓަކައި، އެފަދަ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހިދާނެ ކަމަށެވެ.



