ހިއުމަސް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ނައިބު ރައީސްގެ މަގާމަށް މުހައްމަދު ޝަފީގް މަހުމޫދު އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީ މަޖިލީހުގައި އިއްވާފަ އެވެ.
އެގޮތުން އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރުމަށް ފޮނުވާފައިވަނީ އެ ކޮމިޝަނަށް ނުހަނު ފަހުން އައްޔަނު ކުރި މުހައްމަދު ޝަފީގް މަހުމޫދުގެ ނަމެވެ. މި މައްސަލަ ދިރާސާ ކުރުމަށް މިއަދު ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަ އެވެ.
މުހައްމަދު ޝަފީގް މަހުމޫދު މީގެކުރިން ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވާފަ އެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ، މެންބަރު ސަމާއު އަހްމަދު ނަޖީބް، މެންބަރު އިސްމާއިލް ހަބީބް އަބްދުއްރަހްމާން، މެންބަރު އަހްމަދު މަޤުސޫމް އަދި މުހައްމަދު ޝަފީގް މަހުމޫދު އެވެ.



