މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ދިވެހި ސާފް ލީގުގެ ދެވަނަ އިވެންޓު ކަމަށްވާ “ކެރަންޑޫ” ގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އައްމަޑޭ) ހޯދައިފި އެވެ.
އައްމަޑޭ ވަނީ މިއަހަރުގެ ފުރަތަމަ އިވެންޓު ކަމަށްވާ “މުލީކޮޅު ރާޅުގަނޑު” ގެވެސް ޗެމްޕިއަންކަން ހޯދާފަ އެވެ. މިއާއެކު، އައްމަޑޭ ވަނީ ލީގުގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގާފަ އެވެ.
އެމްއެސްއޭ އިން މުޅިން އަލަށް ބޭއްވި “ކެރަންޑޫ” ގެ މެންސް އޯޕަން ހަތަރުވަނަ ބުރުގެ އިތުރުން ކުއާޓާ، ސެމީ އަދި ފައިނަލްގެ ހީޓުތައް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު އެވެ. އައްމަޑޭ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޔާސިން އަހުމަދު ނާޝިދު ބަލިކުރުމަށްފަހު އެވެ.
މުބާރާތުގެ މެންސް އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަން ހޯދުމަށް އައްމަޑޭ ވަނީ ވާދަކުރި ހުރިހައި ހީޓެއްގެ އެއްވަނަ ހޯދާފަ އެވެ. އެގޮތުން، ސެމީ ފައިނަލުގައި އޭނާ ވަނީ އަހުމަދު ހިޝާމް ޝަހީމްގެ މައްޗަށް ކުރިހޯދާފަ އެވެ.
މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ޔާސިން ވަނީ މެންސް އޯޕަން ކެޓެގަރީގައިވެސް ތަފާތު ދައްކާފަ އެވެ. އެގޮތުން، ޔާސިން ވަނީ ފައިނަލް ފިޔަވައި، އޭނާ ވާދަކުރި ހުރިހައި ހީޓެއްގެ އެއްވަނަ ހޯދާފަ އެވެ. ސެމީގައި އޭނާ ވަނީ މުހައްމަދު އިނާން އަބްދުލް ހައްނާން ބަލިކޮށްފަ އެވެ.
މިއަދު ކުރިޔަށްދިޔަ ފައިނަލުގައި ގިނަ ވަގުތު ލީޑުގައި އޮތީ ޔާސިން އެވެ. ނަމަވެސް، އައްމަޑޭ ވަނީ އޭނާގެ ފަހު ދެ ރާޅުން ރަނގަޅު ސްކޯއެއް ހޯދައި، ޗެމްޕިއަންކަން ހޯދާފަ އެވެ. ފައިނަލުގައި އައްމަޑޭ 15.34 ޕޮއިންޓު ހޯދިއިރު، ޔާސިން އަށް ލިބުނީ 14.34 ޕޮއިންޓެވެ.
“ކެރަންޑޫ” އިވެންޓުގެ މެންސް އޯޕަން ކެޓެގަރީގައި ޖުމްލަ 25 އެތުލީޓުން ވަނީ ވާދަކޮށްފަ އެވެ.
