ހައްދުންމަތީ މާބައިދޫގައި ކުރިޔަށްދިޔަ ދިވެހި ސާފް ލީގުގެ ”ކެރަންޑޫ“ އިވެންޓުގެ ޖޫނިއާ ޗެމްޕިއަންކަން ޔާސިން އަހުމަދު ނާޝިދު ހޯދައިފި އެވެ.
މި މުބާރާތުގެ ކުއާޓާ، ސެމީ އަދި ފައިނަލްގެ ހީޓުތައް ކުރިޔަށް ގެންގޮސްފައިވަނީ އިއްޔެ އެވެ. ޔާސިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުހައްމަދު އިނާން އަބްދުލް ހައްނާން ބަލިކުރުމަށްފަހު އެވެ.
ފައިނަލުގެ ޖާގަ ހޯދުމަށް ޔާސިން ވަނީ މުބާރާތުގައި ވާދަކުރި ހުރިހައި ހީޓެއްގެ އެއްވަނަ ހޯދާފަ އެވެ. އެގޮތުން، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ސެމީ ފައިނަލުގައި އަހުމަދު ލުޒެއިން ބަލިކުރުމަށްފަހު އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގެ އެއްވަނަ ޔާސިން ހޯދިއިރު، އެ ހީޓުގެ ދެވަނަ ހޯދީ އިނާން އެވެ. އިނާން ފައިނަލަށް ދަތުރުކުރީ ސެމީ ގައި ކަޔާން އަބްދުﷲ އަރީފް ބަލިކުރުމަށްފަހު އެވެ.
އިއްޔެ ކުރިޔަށްދިޔަ ފައިނަލުގައި ޔާސިން ވަނީ ޖުމްލަ 16 ޕޮއިންޓު ހޯދާފަ އެވެ. އިނާން އަށް ލިބުނީ 12.93 ޕޮއިންޓެވެ. ފައިނަލުގައި ޔާސިން ވަނީ އެއް ރާޅުން 10 ޕޮއިންޓު ހޯދާފަ އެވެ. މިއީ ރާއްޖެގެ ތާރީހުގައިވެސް އެއް ރާޅުން10 ޕޮއިންޓު ލިބުނު ފުރަތަމަ ފަހަރެވެ.
މާބައިދޫގައި މުޅިން އަލަށް ބޭއްވި ”ކެރަންޑޫ“ އިވެންޓުގެ ޖޫނިއާ ކެޓަގަރީގައި ޖުމްލަ 18 އެތުލީޓުން ވަނީ ވާދަކޮށްފަ އެވެ.
