ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓްގެ ތެރެއިން މިހާތަނަށް 3119 އެގްރީމެންޓްގައި ސޮއި ކުރެވިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.
އެފްޑީސީއިން ބުނީ، މިހާތަނަށް ޖުމްލަ 3119 އެގްރިމެންޓްގައި ސޮއި ކުރެވި 3131 އެއްބަސްވުން ތާވަލް ކުރެވިފައިވާ ކަމަށެވެ.
ޖަވިޔަނި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން އެފްޑީސީން ބުނީ ދުވާލަކު 116 އެގްރީމެންޓްގައި ސޮއި ކުރުމަށް ޝެޑިއުލް ކުރާ ކަމަށާއި އޭގެ ތެރެއިން ދުވާލަކު އެވަރެޖްކޮށް 110 އެގްރީމެންޓްގައި ސޮއި ކުރެވޭ ކަމަށެވެ.
އެފްޑީސީން ބުނީ މި ދުވެލީގައި ސޮއި ކުރުމުގެ ކަންކަން ދާނަމަ 4،000 ފްލެޓްގެ އެގްރީމެންޓްތަކުގައި މި މަހުގެ ނިޔަލަށް ސޮއިކޮށް ނިމޭނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ހިއްސާކުރަމުންދާ މިންވަރަކުން، އެ ފަރާތްތަކުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ ކަމަށާއި އަދި އެ ފަރާތްތަކަށް އެސްއެމްއެސް ކުރެވެމުންދާނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ. އެފްޑީސީން ބުނެފައިވަނީ އެ ކޯޕަރޭޝަނުން ފޮނުވާ އެސްއެމްއެސްގައި ލިންކެއް ނުފޮނުވާނެ ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް ފްލެޓް ލިބޭ ފަރާތުގެ މައުލޫމާތު އަދާހަމަކުރެވޭނެ ކަމަށާއި އަދި އެއްބަސްވުންވެސް ބަލާލެވޭނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ. އަދި ޔުނިޓްގެ މައުލޫމާތާއި ކުރެހުން ބަލާލެވޭނެ ކަމަށާއި ޔުނިޓަށް ދައްކަންޖެހޭ ފައިސާ ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ބައެއް ފެލްޓްތަކުގެ ތަޅުދަނޑިވެސް ހަވާލުކުރަން ފަށައިފި
އެފްޑީސީން އިއްޔެގަ ވަނީ ބައެއް ޔުނިޓްތައް ލިބުނު ފަރާތްތަކާއި ތަޅުދަނޑިތައް ހަވާލުކުރުމުގެ މަސައްކަތްވެސް ފަށާފަ އެވެ. އެގޮތުން ހަވާލުކުރަން ފަށާފައިވަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ހައުސިންގ ޔުނިޓްތަކެވެ. މި ފްލެޓްތައް ހަވާލުކުރެވޭނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުވާފައިވާ މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާ ނިމިފައިވާ ފަރާތްތަކަށެވެ.
ފްލެޓްތަކަށް ބަދަލުވުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކުގެ ތެރޭގައި، ބޮޑެތި ސާމާނު ގެންދިއުމަށް ޕޯޓަލް މެދުވެރިކޮށް ކިއު ނަންބަރެއް ނެގުން ހިމެނެއެވެ. ނަމަވެސް އަތުން ހިފައިގެން ގެންދެވޭވަރުގެ ކުދި ސާމާނު ގެންދިއުމަށް ވަކި ކިއު ނަންބަރެއް ނަގާކަށް ނުޖެހޭނެކަމަށް އެފްޑީސީން ބުނެފައިވެއެވެ.
ޓަވަރުތަކުގައި މީހުން އާބާދުވާން ފެށުމާއެކު، ރަށްވެހިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކޮމާޝަލް ޔުނިޓްތައް ދޫކުރެވޭނެއެވެ. މީގެ ތެރޭގައި ޑޭކެއަރ، ތަޢުލީމީ މަރުކަޒުތައް އަދި ގްރޯސަރީ ފަދަ ތަންތަން ހިމެނޭނެއެވެ.
ފްލެޓްތައް ހަވާލުކުރެވޭއިރު ހުންނާނީ އެންމެ ފުރިހަމަ ގޮތުގައި ނިމިފައި ކަމަށާއި، ނަމަވެސް ފަރުނީޗަރާއި ކިޗަން ކެބިނެޓް ފަދަ ތަކެތި ނުހުންނާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ. އަދި މި ތަކެތި ގަތުމުގެ ފުރުސަތު އެފްޑީސީގެ ސަރވިސް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
