އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޙުތުބާގެ މައުލޫއަކީ ”ނަމާދުގައި ޚުޝޫޢަތްތެރިވުން“ އެވެ.
ހުތުބާގައި ބުނެފައިވަނީ، ނަމާދަކީ ދީނުގެ ތަނބު ކަމަށެވެ. އަދި ޤިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން މުހިންމުކަމަށާއި، އެއީ އެއާނުލައި، އެހެނިހެން ޢަމަލުތައް ޤަބޫލުވެވިގެންނުވާނޭ އަޅުކަމަކަށް ވާތީކަމަށް ޙުތުބާގައި ބުނެފައިވެ އެވެ.
މުސްލިމުން، ފަރުޟު ފަސް ނަމާދު އަދާކުރުމަށްފަހު، ހުންނަން ޖެހޭނީ، ތާހިރުކަންމަތީ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތް ނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައި ކަމަށާއި، ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެކަމަށް ޙުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ބުނެފައިވަނީ، ނަމާދުކުރާންވީ ޚުޝޫޢަތްތެރިވެ ތިބެގެންކަމާއި، ފަރުވާކުޑަކޮށް، ޣާފިލުވެ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތްކަމަށެވެ. އޭގެ ބަދަލުގައި އެ ފަދަ މީހުންނަށް ހުރީ ގެއްލުމާއި ހަލާކުކަމަށާއި، އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޙުތުބާގައި ބުނެފައިވެ އެވެ. ނަމާދުކުރާންވީ ގޮތަށް، ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމާއެކު އެ އަޅުކަން އަދާކުރާ މީހުންނަށް، އުޚުރަވީ ޙަޔާތުގައި ލިބޭނޭ ސަވާބާއި ދަރުމައިގެ އިތުރަށް، އެ މީހުންގެ ދުންޔަވީ ޢަމަލުތައް ވެސް ހެޔޮވެ، ޞާލިޙުވާނެކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނެ ކަމަށާއި އަދި ވައްކަމާއި، ރިޝްވަތާއި، މައިންބަފައިންނަށް އުރެދުމާއި، ބުހުތާނު ދޮގުހެދުން ފަދަ ފާޙިޝު ޢަމަލުތައް ނުކުރާނޭ ކަމަށް ހުތުބާގައިވެ އެވެ. ނަމަވެސް ނަމާދުކޮށް އުޅޭ މުސްލިމުންގެ ތެރޭގައި، މި ފަދަ ޢަމަލުތައް ކުރާމީހުން މަދެއްނޫންކަމަށާއި މިއީ އަމިއްލަ ނަފުސާ ސުވާލުކުރާން ޖެހޭނޭ ކަމެއްކަމަށް ޙުތުބާގައި ބުނެފައިވެ އެވެ.
ހުކުރު ޙުތުބާގައި ބުނެފައިވަނީ، ނަމާދުކުރުމުގައި ފޭރާން ކޮށިކޮށް، އިސްތަށިގަނޑު ރީތިކޮށް، މާގިނައިން ތަންތަން ނުކެހުމާއި ނަމާދުކުރާން ތިބޭ އެހެން މީހުންނަށް އުނދަގޫވާ ވަރަށް، ނަމާދުގައި ކިޔާ ތަކެތި އަޑުހަރުކޮށް ނުކިޔުމާއި ޖަމާޢަތުގެ ނަމާދުގައި އިމާމާ ފިޔަވައި، އަދި އާމީން ކިޔުން ފިޔަވައި ދެން ތިބި މީހުން، ނަމާދުގައި ކިޔާތަކެތި ކިޔާނީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ސިއްރުންކަމަށެވެ.
