މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓް ކޮށްފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމުގެ ގަވާއިދެއް އެކުލަވާލައި ގެޒެޓުކޮށްފިއެވެ.
އެމްކިއުއޭ އިން ބުނި ގޮތުގައި މި ގަވާއިދު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ނިޒާމު އިތުރަށް ފުޅާ ކުރުމެވެ.
އެމްކިއުއޭ އިން މައުލޫމާތު ދިން ގޮތުގައި މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ރާއްޖެއިން ބޭރުގައި އެމްކިއުއޭ އިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމެއް ހިންގަން ބޭނުންވާ މަރުކަޒުތަކުން އެ ޕްރޮގްރާމެއް ހިންގަންވާނީ އެމްކިއުއޭ އިން ހުއްދަ ހޯދުމަށްފަހު، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި މި ގަވާއިދުގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް، އެ މަރުކަޒުތަކުގެ އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމުތައް ފެންވަރު ދަށްނުވާނެ ގޮތެއްގައި ހިންގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ހުއްދައަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުން، ރާއްޖެއިން ބޭރުގައި އެ ޕްރޮގްރާމް ހިންގުމުގެ ހުއްދަ ދިނުމުގެ މަސައްކަތް އެމްކިއުއޭ އިން ކުރިއަށް ގެންދާނެއެވެ.
މި ގަވާއިދު އެކުލަވާލައި ގެޒެޓުކުރުމާއެކު، އެމްކިއުއޭ އިން ވަނީ ވަގު ސެޓްފިކެޓްތަކުގެ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، އެ އޮތޯރިޓީން ދޫކުރާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާ ގުޅޭ އައު އުސޫލެއްވެސް އެކުލަވާލައި ގެޒެޓްކޮށްފައެވެ. މި އުސޫލުތަކުގެ ސަބަބުން މަތީ ތަޢުލީމުގެ ދާއިރާގައި ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
