އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ އަހަރީ ދުވަހުގެ ޚާއްސަ ކެމްޕެއިންގެ ދަށުން އުމްރާ ދަތުރު ލިބޭ ހަތްވަނަ ނަސީބުވެރިޔާގެ ގޮތުގައި ހުއްރިއްޔަތު މުހައްމަދު ހޮވިއްޖެއެވެ.
މި ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބޭއިރު، ކެމްޕެއިންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫގެ މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް-އޮންއެއް ބޭނުންކުރަން ޖެހެއެވެ. އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއިން މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް-އޮންއެއް ބޭނުންކުރަން ޖެހެއެވެ.
އުރީދޫއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެއެވެ. އަދި ކެމްޕެއިންގެ ޝަރުތުތައް ފުރިހަމަވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އުރީދޫގެ މި ޚާއްސަ ކެމްޕެއިންގެ ދަށުން މިހާތަނަށް 7 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބިފައިވާއިރު، އިތުރު 12 އުމްރާ ދަތުރާއި ދެ މީހަކަށް ހައްޖު ދަތުރު އަދި ވެސް ވަނީ ބާކީގައެވެ.
