2022 ވަނަ އަހަރު މާލޭގައި ޝިއާއު މުހައްމަދު (ޝިއާ) މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ސާހިލްގެ ޝަރީއަތުގެ ހެކިބަސް ދެ މަސްތެރޭގައި ނަގާ ނިންމަން ހަމަޖައްސައިފި އެވެ.
2022 އޮގަސްޓު މަހުގެ 6 ވަނަ ދުވަހުގެ ރޭ ހ. ޝީރީންވިލާގައި، ބައެއް ގުނަވަންތައް ވެސް ބުރިކޮށް އަނިޔާވެރިކޮށް ޝިއާ، 22، މަރާލި މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ. އަދި ސާހިލްއަށް ކުރާ ބައެއް ދައުވާތައްވެސް ވަނީ ސިއްރު ކޮށްފަ އެވެ.
ސާހިލްގެ މައްޗަށް ކުރާ ދައއުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރުމަށްފަހު ވަނީ ކެންސަލް ކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ބުނެފައިވަނީ މިއަދުގެ އަޑުއެހުމުގައި ދެ ހެއްކެއްގެ ހެކިބަސް ނެގުމަށް ތާވަލުކުރިނަމަވެސް ހެކިވެރިން މިއަދު ހާޒިރު ނުކުރެވޭތީ އަޑުއެހުން ކެންސަލްކުރީ ކަމަށެވެ.
މި ދެ ހެކިންގެ ހެކިބަސް ނެގުމަށް މިހާރު ހަމަޖައްސާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގަ އެވެ. މި އަޑުއެހުމުގައި ސިއްރު ހެކިންގެ ހެކިބަސްވެސް ނަގާނެ އެވެ.
މި މައްސަލައިގައި 35 ހެކިންގެ ހެކިބަސް ނަގަން ޖެހެ އެވެ. ހެކިންގެ ހެކިބަސް ނެގުމަށް ދެ މަހަށް ބަހާލައިގެން ހަ އަޑުއެހުމެއް ތާވަލުކުރުމަށްވަނީ ހަމަޖެހިފަ އެވެ.
މިމައްސަލައިގައި މީގެކުރިން ސާހިލް ވަނީ ކޯޓުގައި ވެސް އަދި ދައުލަތުން އޭނާއަށް ހަމަޖައްސައިދިން ވަކީލުންނާވެސް ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ. މި މައްސަލައިގައި ދައުލަތުން ސާހިލްއާ ދެފަހަރެއްގެ މަތިން ވަކީލުން ހަމަޖައްސާދީފައިވެ އެވެ. ފަހުން އޭނާ ބުނެފައިވަނީ މައްސަލައިގައި ކުރިއަށްދާނީ ވަކީލަކާ ނުލާ އަމިއްލައަށް ކަމަށެވެ.


