މީޑިއާ ބިލް ދިރާސާކުރަން ކޮމިޓީ ސިއްރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ސިއްރު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލް އަދި މީޑިއާ ބިލްގެ ދިރާސާ ކުރިއަށްގެންގޮސްފަ އެވެ.

އެގޮތުން މީޑިއާ ބިލްއާ ގުޅޭގޮތުން ކޮމިޓީގެ މުގައްރިރު ހުސައިން ރިޒާ އާދަމް ވިދާޅުވީ ބިލަށް ވަރަށް ގިނަ ފަރާތްތަކެއްގެ ކޮމެންޓްސް ލިބިފައިވާ ކަމަށާއި މިއަދު ކުރިއަށްގެންދާނީ އެކަންކަން ދިރާސާކުރުން ކަމަށެވެ.

މިކަމާ ގުޅިގެން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ ބިލުގެ މަސައްކަތް މިއަދު އެއްކޮށް ނިންމުމަށްފަހު ކޮމިޓީން ފާސްނުކުރެވޭނެކަމަށެވެ. ސަބަބަކީ ގިނަ އަދަދެއްގެ ކޮމެންޓްސް ލިބިފައިހުރުންކަން ފާހަގަކުރެއްވި އެވެ.

ނަސީމް ވިދާޅުވީ ކޮމެންޓްތައް ދިރާސާކުރަމުންދާއިރު އެ ކޮމެންޓް ފޮނުވި ފަރާތާއި ހުށަހެޅި ކޮމެންޓާއި ކަންކަމަށް ބަލާނެ ކަމަށާއި، އަދި ކޮމެންޓްތައް ދިރާސާކުރާއިރު ހުށަހެޅި ފަރާތެއްގެ ޕާސަނަލް އިންފޮމޭޝަން ބޭނުންވާނެކަމަށެވެ. އެހެންކަމުން ކޮމިޓީ ލައިވްކޮށްގެން ކުރިއަށްގެންދިއުމަކީ އެންމެ ރަނގަޅު ގޮތެއްތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

”އެއީ ޕާސަނަލް އިންފޮމޭޝަން ކޮމެންޓްތަކުގައި ހުރީމައާ، އެ އެއްކޮށް ހުރިހާ ކޮމެންޓެއް އެއްކޮށް އަޅުގަނޑުމެން ކުރިއަށްގެންދަންޖެހޭނީ.“

ނަސީމްގެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މީޑިއާ ބިލް ދިރާސާކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރިއަށްގެންދާއިރު، މީގެކުރިން ކޮމިޓީން ނިންމާފައިވަނީ މި ބިލްގެ މަސައްކަތް ސެޕްޓެމްބަރު 15 ގެ ކުރިން ނިންމާށެވެ.

މި ބިލަށް ޚިޔާލު ހޯދުމަށް މީޑިއާތަކާއި ކޮމިޓީން ބައްދަލުކޮށްފައިވެ އެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާވެސް ބައްދަލުކޮށްފައިވެ އެވެ. މީޑިއާތަކުން އަދި މީޑިއާ ކައުންސިލުންވަނީ މި ބިލް ބޭރުކޮށްލުމަށް ގޮވާލާފަ އެވެ.

މީގެއިތުރުން މި ބިލް ބޭރުކޮށްލުމަށް ގޮވާލާ 151 ނޫސްވެރިން ސޮއިކޮށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޕެޓިޝަނެސްވެސް ހުށަހަޅާފަ އެވެ.

މީޑިއާ ބިލުގައި އޮތީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ތިން މެންބަރުންނަކީ ރައީސް އައްޔަނުކުރާ މެންބަރުން ކަމަށެވެ. އަދި 4 މެންބަރުން ނޫސްވެރިން އިންތިހާބުކުރާ ގޮތަށެވެ. ކޮމިޝަންގެ ރައީސް އައްޔަނު ކުރުން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާއިރު ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް މި ބިލުގައި ވަނީ ދީފަ އެވެ. މީގެއިތުރުން ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގެ ތަހުގީގު ނުނިމެނީސް އަދި މައްސަލަ ބަލާ ނިމެންދެން މީޑިއާ ރަޖިސްޓްރީ ބާތިލުކުރެވިދާނެ ކަމަށެވެ. އަދި، ޤައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ”ބެލެވިދާނެ ހާލަތު“ގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މީޑިއާ ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ ކަމަށްވެސް ބުނެފައިވެ އެވެ. މި ބިލުގެ 60 ވަނަ މާއްދާގައި ބުނަނީ ބިލުގައި ނޫހާ ގުޅޭ ގޮތުން ބަޔާން ކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ހިނގާނެ ކަމަށެވެ. އަދި ނޫސްވެރިންނާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް (ސޯޝަލްމީޑިއާގައި އުޅޭ މީހުންނަށް) އެ މީހުންނާގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މީޑިއާ ބިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ