ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް ދެ ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެޗްއާރްސީއެމްގެ މެންބަރުކަމަށް ދެ ބޭފުޅުން އައްޔަނު ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެޗްއާރްސީއެމްއަށް އައްޔަނު ކުރައްވާފައިވަނީ މ. ޕޮޕީ، މުހައްމަދު ޝަފީޤް މަހްމޫދާއި ސ. ހުޅުދޫ، ސީބްރީޒް، އަހްމަދު މަޤުސޫމް އެވެ.
މި ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ސަލީމް އެވެ.
އެޗްއާރްސީއެމްއަށް އައްޔަނުކުރި މުހައްމަދު ޝަފީގް މަހުމޫދު މީގެކުރިން ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވާފަ އެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެވޭ ފަރާތްތައް އެ މަޤާމުގައި ދެމިތިބޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. އެޗްއާރްސީއެމްގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ، މެންބަރު ސަމާއު އަހްމަދު ނަޖީބް އަދި މެންބަރު އިސްމާއިލް ހަބީބް އަބްދުއްރަހްމާން އެވެ.


