ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅިގެން މިއަދު ހަވީރު ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން ބަންދުކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި އެކްސަސައިޒްގެ މައިގަނޑު މަޤްޞަދަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭނާއި، އެކި މުއައްސަސާތަކުގެ އެސްއޯޕީތަކާއި، އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭންތައް ޓެސްޓުކުރުމެވެ. މި އަހަރުގެ އެކްސަސައިޒްގެ ޕާޓްނަރު އެއާލައިނަކީ ގަތަރު އެއާވޭސްއެވެ.
އެފެކްސްއާ ގުޅިގެން ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރެވޭނެއެވެ. މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށް ގެންދާނެއެވެ. ނަމަވެސް އެކްސަސައިޒްގެ ތެރޭގައިވެސް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.
މި އަހަރުގެ އެފެކްސްގައި 32 އިދާރާއަކުން ބައިވެރިވާއިރު، ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތުން ބައިވެރިވާނެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ފަހުން އެފެކްސް ބޭއްވީ 2022 ވަނަ އަހަރުއެވެ.
