ނޫސްވެރިންނަށް ދޭ އިންޒާރުތަކުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށް އެ ކޮމިޓީން ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ދިޔައީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން މީޑިއާތަކުގެ ހިޔާލާ މަޝްވަރާ ހޯދުމުގެ މަސައްކަތެވެ.
މިއަދުގެ ބައްދަލުވުމުގެ ތެރެއިން ބައެއް ނޫސްވެރިން ވަނީ މި ބިލާ ގުޅިގެން އެ ފަރާތްތަކުން ފާޅު ކުރާ ޝުއޫރާ ގުޅިގެން އެކި ކަހަލަ އިންޒާރު އަންނަމުންދާކަމަށް ބުނެފަ އެވެ. ބައެއް ނޫސްވެރިން ވަނީ މަރުގެ އިންޒާރުވެސް ދީފައިވާކަމަށް ބުނެފަ އެވެ.
ނޫސްވެރިންނަށް ދޭ އިންޒާރުތަކުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީލް އެވެ. މި ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ ތާއީދު ކުރައްވާފަ އެވެ. މި ހުށަހެޅުން ކޮމިޓީން ފާސްވީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.
މެންބަރު މީކާއިލްގެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން މެންބަރު ޝަރީފް ވަނީ ނޫސްވެރިންގެ ފަރާތުން ލިޔުމުން އެފަދަ މައްސަލަތަށް ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެދިފަ އެވެ.
ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މީޑިއާ ބިލް މެންބަރު މީކާއިލް ނަސީމް



