ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ، ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރު މަނިކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ތައުރީފު ހައްގު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވވެއްޖެ އެވެ.
މަނިކު އަވަހާރަވުމުގެ ހިތާމައިގަ މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްގީވެ ކުރިއަރައި ދިޔުމުގައި އެމް.ޔޫ މަނިކު ކުރައްވާފައިވަނީ ތައުރީފު ހައްގު މަސައްކަތްޕުޅުތަކެއް ކަމަށެވެ. ”ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު“ ކަމަށް ރައީސް ވިދާޅުވިއެވެ.
މަރުހޫމު މުހައްމަދު އުމަރު މަނިކުގެ ފުރާނައަށް ހެޔޮ ރަހުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސް ދުއާ ކުރައްވާފައިވެއެވެ.
އެމްޔޫ މަނިކު އަވަހަރަވެ ވަޑައިގެންފައި ވަނީ، އުމުރުފުޅުން 78 އަހަރުގަ އެވެ. އެމްޔޫ މަނިކު އަވަހައަރަވީ ސިއްހީ ހާލަތު ދަށްވެ، މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާާދޭން ދަނިކޮށް މިއަދު ހެނދުނު 6:30 އެވެ.
މަރުހޫމު މުހައްމަދު އުމަރު މަނިކަކީ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާފައިވެއެވެ.
އެމްޔޫ މަނިކުގެ ހިދުމަތްތައް؛
ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތު ކަމަށްވާ އެމްޔޫ މަނިކަކީ ރާއްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވި ފަރާތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އިސް ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ)ގެ ޗެއަރމަންކަން 30 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާ އެމްޔޫ މަނިކަކީ އެންމެފަހަކާޖެހެންދެން އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް ހިންގެވި ބޭފުޅާއެވެ.
އެމްޔޫ މަނިކުގެ ހިދުމަތްތަކަށް ބަލާއިރު، މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތްކުރެއްވުމުގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމާއި، 2013 އިން 2024 ގެ ޖެނުއަރީއާ ހަމައަށް އެމްއޭސީއެލްގެ ޗެއާމަންކަން ކުރައްވާފައިވެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކުރައްވާފައިވާ އަގުހުރި ހިދުމަތްތަކަށްޓަކައި 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ހާސިލްކުރައްވާފައިވެއެވެ.
އެމްޔޫ މަނިކުގެ ކުންފުނިތަކަކީ މިއަދު ރާއްޖޭގެ އެންމެ ގިނަ ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް ކަމަށްވެފައި، އެ ކުންފުނިތަކުން ޒުވާނުންގެ ތަމްރީނާއި ތަރައްޤީއަށާއި، ޔަތީމްހާނާތަކަށް އެހީވުމާއި، ތިމާވެށި ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ގިނަ މަޝްރޫއުތަކެއް ހިންގަމުން ގެންދެ އެވެ. އަދި މެޑިކަލް ސްކޮލަރޝިޕް މެދުވެރިކޮށް 30 އަށްވުރެ ގިނަ ހާއްސަ ޑޮކްޓަރުން ވަނީ ތަމްރީނުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)


