ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.
އުތުރުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ، މިއަދު ހެނދުނު 7:00 އިން މެންދުރު 13:00 އަށެވެ.
މެޓުން ނެރުނު ވައިތް އެލާޓްގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށާއި، އެހެން ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ. އަދި މިރޭން ފެށިގެން މެދުރާއްޖެތެރެއާއި އުތުރަށް ބޯކޮށް ވަރޭވެހިދާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.
މެޓް އޮފީހުން ބުޏީ، ހުޅަނގާއި، ހުޅަނގު ދެކުނު އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލު ދެމެދު ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް އުތުރައި މެދު ރާއްޖެތެރެއަށް މިހަފްތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަމަށެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެއް ކަމުން ކަނޑުދަތުުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.



