މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންިސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 27 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް (23އ) އެވެ.
މި އޮޕަރޭޝަނުގައި ދެ ސައިކަލާއި އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށާއި، ބަލައިފާސްކުރިއިރު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ވަނީ، މި މައްސަލައާ ގުޅިގެން ދެ ސައިކަލް ޓޯވކޮށްފަ އެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.


