މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު ބޭރުކޮށްލުމާ ގުޅޭ ގޮތުން ވިސްނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ނޫސްވެރިން ވިދާޅުވެއްޖެއެވެ.
މީޑިއާތައް ރެގިއުލޭޓްކުރުމަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާ، ޕީއެންސީގެ ބޮޑު ތާއީދަކާއެކު އިއްޔެ އެ ބިލް މަޖިލީހަށް ކުއްލިގޮތަކަށް ބަލައިގަންނަން ފާސްކުރިއިރުވެސް ނޫސްވެރިން ދިޔައީ އެ ބިލްގައި ކަންބޮޑުވާ ގިނަ ކަންކަން ހުރިކަމަށް ބުނެ، ބިލް ބޭރުކޮށްލުމަށް ގޮވާލަމުންނެވެ. އެގޮތުން އިއްޔެ މަޖިލިސް ސަރަހައްދާ، ރައީސް އޮފީސް ހިމެނޭ ސަރަހައްދުގެ އިތުރުން، ރައީސް ދިރިއުޅުއްވާ މުލިއާގެ ކުރިމަތީގައިވެސް ނޫސްވެރިން މުޒާހަރާކުރި އެވެ.
އެ މުޒާހަރާތަކަށްފަހު މިއަދު ރައީސް އޮފީސް ކުރިމަތީގައި ހުންނަ މީޑިއާ ފެންޑާގައި މުޒާހަރާ ފަށައި، ނޫސްވެރިން ޑިމާނޑްްކުރަމުން ދިޔައީ، ރައީސްއާ ބައްދަލުކުރުމުގެ ފުރުސަތަކަށެވެ. އެއާއެކު ރައީސް އޮފީހުން ވަނީ 13:30 ގައި ބައްދަލުވުން ހަމަޖައްސާ، ނޫސްވެރިންގެ ތެރެއިން އިސްކޮށް މުޒާހަރާކުރާ ފަރާތްތަކަށް ދައުވަތުދީފަ އެވެ.
ބައްދަލުވުން ނިންމާލުމަށްފަހު ރައީސްއާ ބައްދަލުކުރި ނޫސްވެރިން ވިދާޅުވީ އެ ބައްދަލުވުމުގައި ނޫސްވެރިންގެ އެންމެ ބޮޑުކަމެއްގެ ގޮތުގައި ރައީސްއަށް ދެންނެވީ ބިލް ބޭރުކޮށްލުމަށް ކަމަށެވެ. އެކަމާއި ގުޅޭެގޮތުން ސީދާ ވަކި ޖަވާބެއް ނުދެއްވާ، އެކަމާއިމެދު ވިސްނަވާނެކަމަށް ރައީސް ބައްދަލުވުމުގައި ވިދާޅުވިކަމަށް ނޫސްވެރިން ވިދާޅުވި އެވެ. އަދި ބިލަށް އިސްލާހުތައް ގެނައުމަށް ވުރެ ނޫސްވެރިކަން ރަނގަޅު ގޮތުގައި ރެގިއުލޭޓު ކުރުމާ ގުޅޭ އެހެން ބިލެއް ހުށަހެޅުން ވެސް ފަސޭހަވާނެކަމަށް ރައީސްއަށް ދެންނެވިކަމަށްވެސް ނޫސްވެރިން ވިދާޅުވި އެވެ.
އޭގެއިތުރުން ގްރީން ޒޯނުގައި އިހުތިޖާޖު ކުރުމަކީ އެމަނުކުފާނު ކަންބޮޑުވެލައްވާ ކަމެއް ކަމަށް ވިދާޅުވިކަމަށް ވެސް ނޫސްވެރިން ވިދާޅުވިއެވެ. ނަމަވެސް އިހުތިޖާޖު ކުރަމުންދާ ނޫސްވެރިންނަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހޯމް މިނިސްޓާ އަށް އެ މަނިކުފާނު އަންގާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިކަމަށް ނޫސްވެރިން ވިދާޅުވިއެވެ.
މީޑިއާ ބިލްގައި ހުރި ކަންބޮޑުވުންތައް
މީޑިއާ ބިލުގައި ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ނޫސްވެރިން ފާހަގަކުރަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ކޮމިޝަނުގައި ހިމެނުމެވެ. މިއީ ދުނިޔޭގައި ޢަމަލުކުރަމުންދާ ”ބެސްޓް ޕްރެކްޓިސް“ އާ ޚިލާފު ކަމެއްގެ ގޮތުގައި ނޫސްވެރިން ދެކެއެވެ.
ބިލުގައި ހުރި އެހެން މުހިންމު ކަންބޮޑުވުންތަކުގެ ތެރޭގައި، ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދީފައި އޮތުމާއި، ނޫސްވެރިކަމުގެ ސުލޫކީ ހަމަތަކުގެ ތެރޭގައި ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން ހިމަނާފައި އޮތުން ހިމެނެއެވެ. މިފަދަ މާއްދާތަކުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނޫސްވެރިންނަށް ހުރަސްއެޅިގެންދާނެ ކަމަށް ނޫސްވެރިން ވިދާޅުވެއެވެ.
ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި، މައްސަލަ ބެލުމުގެ މުއްދަތުގައި ވަގުތީގޮތުން ލައިސަންސް ހިފެހެއްޓުމުގެ ބާރު އޮތުމަކީވެސް ކަންބޮޑުވާ ކަމެކެވެ. މީގެ އިތުރުން، ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ”ބެލެވޭ“ ހާލަތްތަކުގައި ފުލުހުން މެދުވެރިކޮށް މީޑިއާ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުމަކީވެސް ބޮޑު ކަންބޮޑުވުމެކެވެ.
ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުމަކީ މިހާރު އޮތް ނިޒާމުގައި ދަންނަ ކަމެއް ނޫން ކަމަށް ނޫސްވެރިން ފާހަގަކުރެއެވެ. ”މިއީ ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބާ، މަޢުލޫމާތު ހާމަކުރުމަށް ހުރަސްއެޅޭނެ ކަމެއް“ ކަމަށް ނޫސްވެރިން ދެކެއެވެ. އަދި ތެދުނޫން މަޢުލޫމާތު ހާމަކުރުމުން މަޢާފަށް އެދެންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު، މަޢުލޫމާތެއްގެ ތެދު ދޮގު ކަނޑައަޅާނީ ކޮން ފަރާތަކުންކަން ސާފުކޮށް ބަޔާންކޮށްފައި ނެތުމަކީވެސް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ނޫސްވެރިން ފާހަގަކުރެއެވެ.
މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އުފައްދާ އައު ކޮމިޝަނަށް ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިދެއެވެ. މިގޮތުން ވަކިވަކި ނޫސްވެރިން 5,000 އިން 25,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު، މީޑިއާތައް 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.



