ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓްގެ ތެރެއިން މިހާތަނަށް 2000 އެގްރީމެންޓްގައި ސޮއި ކުރެވިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.
އެފްޑީސީއިން ބުނީ، މިހާތަނަށް ޖުމްލަ 2117 އެގްރިމެންޓްގައި ސޮއި ކުރެވިފައިވާ ކަމަށެވެ.
ޖަވިޔަނި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން އެފްޑީސީން ބުނީ ދުވާލަކު 116 އެގްރީމެންޓްގައި ސޮއި ކުރުމަށް ޝެޑިއުލް ކުރާ ކަމަށާއި އޭގެ ތެރެއިން ދުވާލަކު އެވަރެޖްކޮށް 110 އެގްރީމެންޓްގައި ސޮއި ކުރެވޭ ކަމަށެވެ.
އެފްޑީސީން ބުނީ މި ދުވެލީގައި ސޮއި ކުރުމުގެ ކަންކަން ދާނަމަ 4،000 ފްލެޓްގެ އެގްރީމެންޓްތަކުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސޮއިކޮށް ނިމޭނެކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ހިއްސާކުރަމުންދާ މިންވަރަކުން، އެ ފަރާތްތަކުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ ކަމަށާއި އަދި އެ ފަރާތްތަކަށް އެސްއެމްއެސް ކުރެވެމުންދާނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ. އެފްޑީސީން ބުނެފައިވަނީ އެ ކޯޕަރޭޝަނުން ފޮނުވާ އެސްއެމްއެސްގައި ލިންކެއް ނުފޮނުވާނެ ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް ފްލެޓް ލިބޭ ފަރާތުގެ މައުލޫމާތު އަދާހަމަކުރެވޭނެ ކަމަށާއި އަދި އެއްބަސްވުންވެސް ބަލާލެވޭނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ. އަދި ޔުނިޓްގެ މައުލޫމާތާއި ކުރެހުން ބަލާލެވޭނެ ކަމަށާއި ޔުނިޓަށް ދައްކަންޖެހޭ ފައިސާ ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް، އެޕްލިކޭޝަން ހުށަހެޅި ފަރާތުގެ ނުވަތަ ކޯ-އެޕްލިކެންޓްގެ އައިޑީކާޑުގެ އަސްލު، ހެކިވެރިޔާގެ އައިޑީކާޑޫގެ އަސްލާއި ދެ ކޮޕީ، ޒިންމާ އަދާކުރާ ފަރާތް ފުރިހަމަކޮށްފައިވާ ފޯމު އަދި އައިޑީކާޑުގެ ދެ ކޮޕީގެ އިތުރުން އެޕްލިކަންޓް ނުވަތަ ކޯ-އެޕްލިކަންޓް ސޮއި ކުރުމަށް ހާޒިރު ނުވެވޭނަމަ ނޯޓަރައިޒްކޮށްފައިވާ ޕަވަރ އޮފް އެޓާނީ އަދި ފޯމް ބޭނުންވާނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ.



