ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމުތަކަށް އާ މެންބަރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އަންނަ މަހުގެ 3 ވަނަ ދުވަހު މުއްދަތު ހަމަވާ މެންބަރުންނަކީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި، މެންބަރުންގެ ގޮތުގައި ތިއްބެވި މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފް އެވެ. މި މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ 6 ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ނަންތައް ދިރާސާކުރުމަށްފަހު، 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ ޑރ. ދީބާ މޫސާ، ޑރ. ހުސައިން ފާއިޒު އަދި މުޙައްމަދު ނާސިހެވެ. މަޖިލީހުގެ ވޯޓުގައި ޑރ. ދީބާ މޫސާއަށް 60 މެންބަރުންގެ ތާއީދު ލިބިވަޑައިގަތްއިރު، ޑރ. ހުސައިން ފާއިޒަށް 54 މެންބަރުންނާއި މުޙައްމަދު ނާސިހަށް 52 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވި އެވެ.
ނާސިހުއަކީ މިހާރުވެސް ސީއެސްސީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ މަގާމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. މިހާރު އެ ކޮމިޝަނުގައި ތިއްބެވި މެންބަރުންގެ ތެރޭގައި ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު މުޖްތާޒާއި ފާތިމަތު ހަބީބާ ހިމެނިވަޑައިގަންނަވަ އެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުކަމުގެ މަގާމުތަކަށް މެންބަރުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅުތައް ހުށަހަޅުއްވަނީ އާންމުކޮށް އިއުލާނުކުރައްވައި، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް އެންމެ އެކަށީގެންވާކަމަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތަކެވެ.
ރައްޔިތުންގެ މަޖިލިސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް



