ހދ. ކުމުންދޫ ރައްޔިތުން އެދޭ ގޮތަށް އެ ރަށުގެ ބަނދަރު ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިފަދައިން ރައީސް ވިދާޅުވެފައިވަނީ ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުމުންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުމުންދޫގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި އެމަނިކުފާނު އެންމެ ބޮޑަށް ކުރިން އުޅުއްވީ އެ ރަށުގެ ބަނދަރުގެ މަސައްކަތުގައެވެ. އަދި ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ބަނދަރާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތައް ހައްލުކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށް ފާހަގަކުރެއްވިއެވެ.
”އޭގެ ފަހުންވެސް ތި ބޭފުޅުން ތި ވަޑައިގަންނަވަނީ ހަމަ އެކި ބަދަލުތައް ގެނެސް އެކަމަށް ދާއިމީ ހައްލެއް ރަނގަޅު ހައްލެއް ނާއިސްގެން. މިހާރު ބަނދަރު އޮތް ތަނުގެ ސަބަބުން ހަގީގަތުގައި އެ ކަން ހައްލު ނުވާކަން އޭގެން ވަރަށް ރަނގަޅަށް މިހާރު އެ އޮތީ ޔަގީންވެފަ،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ވަނީ އެ ރަށުގައި މޫދަށް އެރޭނެ ބީޗް ސަރަހައްދެއްގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުމުންދޫ ފަދަ ބިން ބޮޑު ރަށެއްގައި ރަނގަޅު ފެންވަރުގެ މަގުތައް ހެދިފައި ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުން ރައްޔިތުންނަށް ފަސޭހަވެ، އިޤްތިޞާދީގޮތުން ކުރިއަރައި ވިޔަފާރިތަކަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، އެ ރަށުގެ ސްކޫލުގެ މަލްޓި ޕާޕަސް ހޯލްގެ އަމަލީ މަސައްކަތް ދެތިން މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށާއި، ވަށާފާރު ރޭނުމާއި، ސައިންސް ލެބް އަދި ސްޓާފް ރޫމް ފަދަ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ބަލާއިރު، ފުޓްބޯޅަ ދަނޑުގެ މަޝްރޫޢު އިތުރަށް ފުރިހަމަކުރުމަށް އައު ކުންފުންޏަކާ ހަވާލުކުރައްވާނެ ކަމަށާއި، ފުޓްސަލް ދަނޑުގެ ޓާފް އައުކޮށް އިތުރު ތަރައްގީ ގެނެސްދެއްވާނެ ކަމަށާއި، އަދި އަންނަ އަހަރު ހޭންޑްބޯލް ކޯޓެއްވެސް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


