ހދ. ފިނޭގައި އަލަށް އިމާރާތްކުރާ ޕޮލިސް ޕޯސްޓާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި ދެ މަޝްރޫ ފަށާފައިވަނީ ހދ. އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފިނޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޕޮލިސް ޕޯސްޓުގެ މަސައްކަތް ފަށައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
2.2 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މި ޕޯސްޓް އެޅުމަށް ހަމަޖެހިފައިވަނީ 1,600 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ. އެމްޓީސީސީން މަޢުލޫމާތުދޭ ގޮތުގައި މި ޕޯސްޓުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ޤާއިމްކުރެވޭނެ އެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު އަލީ އިހުސާނުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވި އެވެ.
623 މީހުންގެ އާބާދީއެއް ދިރިއުޅޭ ފިނޭގައި މި ޕޯސްޓް ޤާއިމްކުރެވެނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމުގެ ސިޔާސަތުގެ ދަށުންނެވެ.
ފިނޭގައި ގާއިމު ކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް އެވެ.
ހދ. ފިނޭ ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު



