ހދ. ފިނޭގެ ބަނދަރަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައް އެނގިލައްވާ ކަމަށާއި އޭގެ ތެރެއިން ވީހާވެސް ގިނަ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިނޭއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ފިނޭ ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކެއްގެ ވާހަކަ މީގެ ކުރިންވެސް ރައްޔިތުން ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ބަދަލުތަކުގެ ތެރެއިން ވީހާވެސް ގިނަ ބަދަލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކުގެ ތެރޭގައި މުހިންމު ބަދަލުތަކެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ބަނދަރުގެ ބޭރު ތޮށި ކައިރީ އުޅަނދު ފަހަރަށް އެޅޭނެ ގޮތް ހެދުމާއި އެއްގަމު ތޮށި ބޮޑު ކުރުމާއި، ނެރު ފައިކައްޓަށް ބަދަލުތަކެއް ގެނައުން ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ކަންކަން ފަންނީ ނަޒަރަކުން ބެލުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މި މަޝްރޫއަށް ފައިސާ ހަމަޖައްސާއިރު މި ބަދަލުތައް ގެންނަވާނެކަމަށެވެ.



