ދިވެހިރާއްޖޭގައި ބިނާކުރަންވީ އިސްލާމީ މަތިވެރި އުސޫލުތަކާއި، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއި، ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ތަނަވަސްކަމާއި ފާގަތިކަން ހޯދޭ ޤައުމިއްޔަތެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި ރައީސް ނަޝީދު ވަނީ އުފާވެރި ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފަ އެވެ.
ރައީސް ނަޝީދުގެ މި މެސެޖުގައި ދިވެހިރާއްޖޭގެ އިސްލާމީ އަދި ޑިމޮކްރެޓިކް އަސާސްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވާއިރު، އިންސާނީ ހައްޤުތަކަށް އިހްތިރާމްކުރާ މުޖުތަމައެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންވެސް އަންނަނީ ތަހުނިޔާ ފޮނުއްވަމުންނެވެ.
ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް އުތީމު ތިންބެއިންނާއި އެ ބޭފުޅުންގެ އަރިހުގައި ދަތުރުކުރެއްވި ބޭފުޅުން ކުރެއްވި ޖިހާދުގެ ހަނދުމަ އާކުރުމުގެ ގޮތުން ފާހަގަ ކުރަމުން އަންނަ ދުވަހެވެ. މި ދުވަހަކީ ދިވެހި ގައުމިއްޔަތުގެ ރޫހު އާލާކޮށް، ގައުމީ އެއްބައިވަންތަކަން ދަމަހައްޓާ މުހިންމު ދުވަހެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.



