ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައިކުރުމަށް ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލަތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ތަހުގީގު ކުރަމުންދެއެވެ. އަދި މިހާތަނަށް ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.
ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމަކީ ގާނޫނީ ގޮތުން ކުށެއްކަން ފާހަގަކޮށް، ފުލުހުން ބުނީ މިއީ ގާނޫނުގެ 310 ވަނަ މާއްދާ، 311 ވަނަ މާއްދާ އަދި 312 ވަނަ މާއްދާގެ ދަށުން މިއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމެކެވެ. މީގެ ތެރޭގައި ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމާއި، ޝަހުސު އޮޅުވާލުން ހިމެނެއެވެ.
މިފަދަ މައްސަލަތަކުގެގެ ސީރިއަސްކަން ފާހަގަކޮށް، ފުލުހުން ވަނީ ވަޒީފާދޭ ފަރާތްތަކާއި ތައުލީމީ މުއައްސަސާތަކަށް ހާއްސަ އިލްތިމާސްތަކެއް ކޮށްފައެވެ. ”ވަޒީފާދޭ ފަރާތްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާއި، ސަރުކާރުގެ މުއައްސަސާތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދެމެވެ،“ ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ވަނީ މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއްކަން ފާހަގަކޮށްފައެވެ. އަދި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅާނެކަން ވެސް އަންގާފައިވެއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ދިވެހި ފުލުހުންގެ ޚިދުމަތް


