ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓު ލިބޭ ފަރާތްތަކުގެ ތެރެއިން 1،826 ފަރާތަކާއެކު ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.
އެފްޑީސީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް 2،774 ފްލެޓު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ. މީގެ ތެރެއިން ސޮއިކޮށްފައިވާ 1،826 އެއްބަސްވުމަކީ ތާވަލުކުރެވުނު އެއްބަސްވުންތަކުގެ 65.8 އިންސައްތަ އެވެ. އަދި މުޅި ޖުމްލަ 4،000 ފްލެޓުގެ 45.7 އިންސައްތަ އެވެ.
އެފްޑީސީން މީގެ ކުރިން ބުނެފައިވަނީ ދުވާލަކު 116 އެގްރީމެންޓްގައި ސޮއި ކުރުމަށް ޝެޑިއުލް ކުރާ ކަމަށާއި އޭގެ ތެރެއިން ދުވާލަކު އެވަރެޖްކޮށް 110 އެގްރީމެންޓްގައި ސޮއި ކުރެވޭ ކަމަށެވެ. އެފްޑީސީން ބުނީ މި ދުވެލީގައި ސޮއި ކުރުމުގެ ކަންކަން ދާނަމަ 4،000 ފްލެޓްގެ އެގްރީމެންޓްތަކުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސޮއިކޮށް ނިމޭނެކަމަށެވެ.
އެފްޑީސީން އެގްރީމެންޓްތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި، ހެނދުނު 9:00 އިން ހަވީރު 16:00 އާ ހަމައަށެވެ. ފުލެޓް ލިބޭ ފަރާތްތަކަށް ސޮއިކުރުމަށް ދާންޖެހޭ ދުވަހާއި ގަޑި އަންގާނީ ”ފަހި ޕޯޓަލް“ މެދުވެރިކޮށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ހިއްސާކުރަމުންދާ މިންވަރަކުން، އެ ފަރާތްތަކުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ ކަމަށާއި އަދި އެ ފަރާތްތަކަށް އެސްއެމްއެސް ކުރެވެމުންދާނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ. އެފްޑީސީން ބުނެފައިވަނީ އެ ކޯޕަރޭޝަނުން ފޮނުވާ އެސްއެމްއެސްގައި ލިންކެއް ނުފޮނުވާނެ ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް ފްލެޓް ލިބޭ ފަރާތުގެ މައުލޫމާތު އަދާހަމަކުރެވޭނެ ކަމަށާއި އަދި އެއްބަސްވުންވެސް ބަލާލެވޭނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ. އަދި ޔުނިޓްގެ މައުލޫމާތާއި ކުރެހުން ބަލާލެވޭނެ ކަމަށާއި ޔުނިޓަށް ދައްކަންޖެހޭ ފައިސާ ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް، އެޕްލިކޭޝަން ހުށަހެޅި ފަރާތުގެ ނުވަތަ ކޯ-އެޕްލިކެންޓްގެ އައިޑީކާޑުގެ އަސްލު، ހެކިވެރިޔާގެ އައިޑީކާޑޫގެ އަސްލާއި ދެ ކޮޕީ، ޒިންމާ އަދާކުރާ ފަރާތް ފުރިހަމަކޮށްފައިވާ ފޯމު އަދި އައިޑީކާޑުގެ ދެ ކޮޕީގެ އިތުރުން އެޕްލިކަންޓް ނުވަތަ ކޯ-އެޕްލިކަންޓް ސޮއި ކުރުމަށް ހާޒިރު ނުވެވޭނަމަ ނޯޓަރައިޒްކޮށްފައިވާ ޕަވަރ އޮފް އެޓާނީ އަދި ފޯމް ބޭނުންވާނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ.


