އއ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުޙައްމަދު ޝަފީޤު މަޤާމުން ސަސްޕެންޑްކޮށްފި އެވެ.
ޝަފީޤު މަޤާމުން ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާއަށް ފޮނުވި ސަސްޕެންޝަން ސިޓީގައިވާ ގޮތުން، އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުސާރަ ލިބޭގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ސިޓީގައި ބަޔާންކޮށްފައިވަނީ ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
ޝަފީގު މަގާމުން ސަސްޕެންޑްކުރި ސީދާ ސަބަބެއް ބަޔާންކޮށްފައެއް ނުވެ އެވެ.
އަތޮޅު ކައުންސިލްގެ އެސްޖީކަމުގެ މަގާމުން ޝަފީގް ސަސްޕެންޑްކޮށްފައިވާއިރު ރައީސް މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް ޝަފީގު ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ކިޔައި ޕޯސްޓްތަކެއް ކޮށްފަ އެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރީ މި މައްސަލައިގައިކަން ކަމާ ބެހޭ އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.


