މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ ބައިނަލްއަގްވާމީ ގިނަ މިންގަނޑުތަކާއި އެއްގޮތަށް ހެދިފައި އޮތް ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މި ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވި ގޮތުގައި މި ބިލް ތައްޔާރުކުރުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން މި ބިލު އެކުލަވާލުމުގައި ފިންލެންޑާއި ސްވެޑެންގެ އެލެކްޓްރޯނިކް ކޮމިއުނިކޭޝަން ސާވިސް އެކްޓާއި، އީޔޫގެ ޑައިރެކްޓްރީތަކާ އެއްގޮތަށް ބައްޓަންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުގެ މީޑިއާ އެކްޓް 2024، އޮންލައިން ސޭފްޓީ އެންޑް މީޑިއާ ރެގިއުލޭޝަން އައިލެންޑް 2022 އެކްޓް، އަދި ސިންގަޕޫރުގެ ޕްރޮޓެކްޝަން ފްރޮމް އޮންލައިން ފޯލްސްސް މެނިޕްލޭޝަން އެކްޓް 2019 ގެ މައިގަނޑު ބައިތައް ވެސް މި ބިލުގައި ހިމަނާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
”ކޮމިޓީ މަރުހަލާގައި އަޅުގަނޑުމެންނާ މީޑިއާތަކާ ބައްދަލުކޮށް، މީޑިއާގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ކަންބޮޑުވުންތައް ބަލައިގަނެ، އެންމެންނަށް އެއްބަސްވެވޭ ހައްލަކަށް އާދެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރަން،“ ނާޒިމް ވިދާޅުވިއެވެ.
މި ބިލަކީ އަމިއްލަ މެންބަރަކު ހުށަހެޅުއްވި ބިލަކަށް ވާތީ އެ ފުރުސަތު ވަރަށް ބޮޑަށް ތަނަސްވާ ކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
މި ބިލު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ފެށުމާއެކު، ބައެއް ނޫސްވެރިން މަޖިލީހުގެ ގެލެރީގައި އަނގަމަތީގައި މަލަން އަޅައިގެން އިހުތިޖާޖުކޮށްފައިވެއެވެ. ބިލްގައިވާގޮތުން އަލަށް އެކުލަވާލާ ކޮމިޝަނަށް، މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރުމުގެެ ބާރު ލިބުމުގެ އިތުރުން، ލައިސެންސް ބާތިލްކުރުމުގެ ބާރުވެސް ލިބިގެންދެ އެވެ. އަދި ބިލްގައިވާގޮތުން އަލަށް އެކުލަވަލެވޭ ކޮމިޝަނަށް ތިން މެމްބަރުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެ އެވެ.
މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރެވޭ ބިލެއް އަނެއްކާވެސް މަޖިލީހަށް
ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މީޑިއާ ބިލް


