އިންސާނިއްޔަތުކަމުގެ ދުވަހު ރައީސް ފާހަގަކުރެއްވީ ޣާއްޒާގެ އިންސާނީ އެހީތެރިންގެ ހިތްވަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކުރައްވާކަމަށާއި، ވަކިން ހާއްސަކޮށް ޣައްޒާގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރީންގެ ހިތްވަރު ފާހަގަކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައި ރައީސް ވަނީ، ޙާލުގައިޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމިއްލަ ފުރާނައިން ޤުރުބާންވި އިންސާނީ އެހީތެރިންގެ ޛިކުރާ އާކުރައްވާފައެވެ.

މި މުނާސަބަތާ ގުޅިގެން ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ، ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިވާ އެންމެ ނުރައްކާތެރި ޙާލަތްތަކުގައި އިންސާނީ އެހީތެރިން ހަރަކާތްތެރިވާން ޖެހިފައިވާ އަހަރުތަކެއްގެ ގޮތުގައި މި ވޭތުވެދިޔަ ދެތިން އަހަރު ފާހަގަކުރެވޭ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރިންނަށް އަމާޒުކުރާ ފުރައްސާރަ އާއި މަރުގެ ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި ”އިންސާނީ އެހީތެރިކަން ދޭ ފަރާތްތަކުގެ ހިތްވަރާއި އޯގާތެރިކަމަކީ، ޙަޤީޤީ މާނައިގައި ޚިދުމަތްކުރުމާއި އެއްބާރުލުންދިނުން“ ކަމުގައި ސިފަކުރައްވާފައިވެއެވެ. ވަކިން ޚާއްޞަކޮށް ޣައްޒާގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރިންގެ މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކުގެ ހިތްވަރުން އަބުރުވެރި، އަމާން އަދި އިންސާފުވެރި ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

އިންސާނީ އެހީދޭ ފަރާތްތަކަށް ރައްކާތެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ނުލިބުމުން، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަމާއި، ކާބޯތަކެއްޗާއި ފެނާއި ބޭސްފަދަ އަސާސީ ޚިދުމަތްތަކުން މަޙުރޫމުވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި އަހަރުގެ އިންސާނިއްޔަތުކަމުގެ ދުވަހުގެ މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ، އޯގާތެރިކަމާއި، އިންސާފާއި އަމާންކަމުގެ ތަރަހައިގެ މަތީގައި މިހާރަށްވުރެ ހަރުދަނާ ދުނިޔެއެއް ބިނާކުރުމަށް އޮތް ޖަމާޢީ ޒިންމާ ހަނދާންކޮށްދެއްވައި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އެއްބާރުލުންދިނުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައްޒާ ހަނގުރާމަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ