2026 ވަނަ އަހަރަށް ފާސްކުރާ ބަޖެޓުގައި ހޭންޑްބޯލް ކޯޓު ޤާއިމްކުރަން ބޭނުންވާ ރަށްރަށުގައި ހޭންޑްބޯލް ކޯޓު ގާއިމް ކުރުމުގެ ޕްރޮގްރާމެއް ހިމަނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިމަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން، ހާއްސަކޮށް ކަނބަލުން ހޭންޑްބޯލް ކޯޓު ބޭނުންވާ ކަމަށް ފާހަގަކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި މި ޕްރޮގްރާމް ހިމެނުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
”އަންނަ އަހަރަށް ފާސްކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅާއިރު، އަޅުގަނޑުމެން ހިމަނާ އެއް ޕްރޮގްރާމަކީ ހޭންޑް ބޯލް ކޯޓު ބޭނުންވާ ހުރިހާ ރަށެއް ހިމެނޭ ގޮތަށް، ހޭންޑް ބޯލް ކޯޓު އަޅައިދިނުމުގެ ޕްރޮގްރާމެއް ނިއު ޕޮލިސީ އިނިޝިއޭޓިވް ނޫނީ އާ މަޝްރޫއުތަކުގެ ތެރޭގައި ހިމަނަން އެބަ،“ ރައީސް ވިދާޅުވިއެވެ.
ހިމަންދޫގެ ހޭންޑްބޯލް ކޯޓާ ގުޅޭ ގޮތުން ރައީސް ދެއްވި މައުލޫމާތުގައި، އެ ރަށުގެ ހޭންޑްބޯލް ކޯޓު އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ. އަދި މި ހަފުތާގެ ތެރޭގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ހޭންޑްބޯލް ކުޅުމަކީ ކުރިއެރުވޭނެ ދާއިރާއެއް ކަމަށާއި، މިހާރުވެސް މި ކުޅިވަރުން ރާއްޖެއަށް ކާމިޔާބީތަކެއް ހޯދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ހިމަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ނިންމައި، ކިޔެވުން ފެށޭއިރު އިމާރާތް ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބޭނުންކުރަން މިއަދު ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ލެބޯޓްރީގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރަށްގިރުމުގެ މައްސަލައަކީ ހިމަންދޫއަށް ދިމާވެފައިވާ ހައްސާސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި، އެ މަސައްކަތް ކުރުމަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށާއި، އެ މަސައްކަތާއެކު ބަނދަރުގެ ނެރުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.


