މުއައްސަސާއަކަށް މީހަކު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާއިރަށް އެމީހެއްގެ އަބުރުކަތިލުމުގެ ކަންކަން ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޗްއާރްސީއެމްއަށް މެންބަރަކު އައްޔަނު ކުރުމުގެ މައްސަލައިގައި ކޮމިޓީ ރިޕޯޓަށް ބަހުސްކުރުން ކުރިއަށްގެންގޮސްފައިވެ އެވެ.
އެގޮތުން މި ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މުއައްސަސާތަކަށް މީހުން އައްޔަންކުރަފޮނުވުމުން، ވަކި ބަޔަކު އެ މަގާމަށް ނެގުވުމުގެ ނިޔަތުގައި ނުވަތަ ވަކި މީހަކު އެ މަގާމަށް ނެގިޔަ ނުދިނުމަށްޓަކައި އަބުރު ކަތިލަމުންދިއުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އަދި ސޯޝަލްމީޑިއާގައި ހިނގާ ކަންކަމާމެދު ވިސްނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މަގާމުތަކަށް އައްޔަނު ކުރުމަށް ފޮނުވާ ފަރާތްތަކުގެ އަބުރުކަތިލުމުގެ ކަންކަން ކުރަނީ އިދިކޮޅު އެމްޑީޕީން ކަމަށް ތުހުމަތު ކުރައްވާ ފަލާހު ވިދާޅުވީ، މަގާމާ ގުޅުމެއް ނެތް ކަމެއްގައި މީހުންގެ އަބުރު ކަތިލުމަކީ ދެރަވަރު ކަމެއް ކަމަށެވެ.
އެހެންކަމުން ކޮމިޓީގައި މެންބަރުން މަސައްކަތްކުރައްވާއިރު އެ މީހެއްގެ އެއްވެސް ހައްގެއް ގެއްލިގެން ނުދާނެ ގޮތަކަށް މަސައްކަތްކުރެއްވުމަށް ފަލާހު އެދިވަޑައިގަތެވެ.
މަޖިލީހުގެ ތަޅުމުގައި ފަލާހު މިގޮތަށް ވިދާޅުވީ، އެޗްއާރްސީއެމްއަށް އައްޔަނު ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން މުހައްމަދު ފާރިސް ތާހާއާ ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރުން އިންޓަވިއުކުރުމުގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅޭގޮތުން އަދި ޖަލުގައި އަނިޔާކުރުމުގެ މައްސަލަތަކާ ގުޅޭގޮތުން ތަކުރާރުކޮށް މެންބަރުން ސުވާލުކޮށްފައިވަނިކޮށެވެ. އަދި ކޮމިޓީގެ މެންބަރުން ނިންމަވާފައިވަނީ މުހައްމަދު ފާރިސް ތާހާ މަގާމަށް އައްޔަނު ނުކުރުމަށެވެ. މުހައްމަދު ފާރިސް ތާހާއާއި ގުޅޭގޮތުން ކުރެވުނު ގެވެށި އަނިޔާގެ ތުހުމަތުތައް އޭނާގެ ކުރީ އަނބިކަނބަލުން ވަނީ ދޮގުކުރައްވާފަ އެވެ.

އެޗްއާރްސީއެމްގެ މެންބަރު ކަމަށް މުހައްމަދު ޝަފީގް މަހުމޫދު އައްޔަނު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރުން ނިންމެވިއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން އިއްތިފާގުން ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޝަފީގް އައްޔަނު ކުރުމަށް ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު



