“އިންޝުއަރެންސްގެ ބިލު” ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން “އިންޝުއަރެންސްގެ ބިލު” މަޖިލީހަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ 67 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައިވަނީ، ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެ ގޮތުންނެވެ.
އެގޮތުން އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަރމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސެންސް ދިނުމާގުޅޭ އުސޫލުތައް މިބިލުގައި ހިމަނާފައިވެ އެވެ. އަދި އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާ ގުޅޭ އުސޫލުތަކާއި އެނޫންވެސް އިންޝުއަރެންސް ވިޔަފާރިއާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ އޮނިގަނޑު ހިމަނާފައިވެ އެވެ.
މި ބިލުގައި ބުނެފައިވަނީ، އެއްވެސް ފަރާތަކުން އިންޝުއަރެންސް ކްލެއިމް ކުރުމުގައި ގަސްދުގައި ތެދުނޫން މައުލޫމާތެއް ދީގެން ހައްގު ނޫން މަންފާއެއް ހޯދުމަށް އުޅެފިނަމަ އަދި އެފަދަ ކަމަކަށް އެހީތެރުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި 100،000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދކުން ޖުރިމަނާ ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން އިންޝުއަރެންސް ބިލުގައި ހިމެނޭ މަނާ ކަމެއް ކުރުމުގެ ތުހުމަތުގައި އެ ފަރާތެއް ބަލާ ފާސްކުރުމަށް ހުރަސްއަޅައިފިނަމަވެސް 75،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.


