ޒަކާތު ފަންޑުން އިންވެސްޓްކުރުމުގެ މަގުސަދަކީ ޒަކާތުގެ ހައްގިވެރިންނަށް އެހީވުން ކަމަށް އިސްލާމީ ކަންތަކާއި ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ ކުރިއަށް ގެންދިޔަ ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށްދޭ ސްކޮލާޝިޕް ހާވާލުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި މިނިސްޓްރު ވިދާޅުވީ އެ ފަންޑުން އިންވެސްޓް ކުރުމުގެ މަގުސަދަކީ ޒަކާތުގެ ހައްގުވެރިންނަށް އެހީވުން ކަމަށެވެ. އެހެންވުމުން މިކަމަށް އިސްލާމީ ޝަރީއަތުގެ އަސާސްތައް ތަންދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
”މަގްސަދަކީ ޒަކާތުން އެމީހުންނަށް އެހީވުން. އެހެންވެއްޖީޔާ އިސްލާމީ ޝަރީއަތުގެ އަސާސްތައް އެބަ ތަންދޭ އެކަންކަން ކުރިއަށް ގެންދިއުމަށް. އެއީ މިކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ގަބޫލުކުރާ ގޮތަކީ. އަދި އިސްލާމީ ދުނިޔޭގަ ވެސް ފިގުހީ މުވައްސަސާތަކުން އެބަހުރި ލަފާ ދީފަ“
މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ބެހެނިވެރިން ނުވަތަ ހައްގުވެރިންގެ ހާޖަތްތައް އިތުރުވެ އެމީހުންނަށް އަހަރުން އަހަރަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވެފައިވާ ކަމަށެވެ. ޒަކާތު ފަންޑުން އިންވެސްޓް ކުރަންޖެހެނީ މިކަމުގެ ސަބަބުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޒަކާތު ފަންޑުން އިންވެސްޓު ކުރުމަކީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އިން ބުރަވަނީ އިންވެސްޓްކުރެވޭނެ ކަމަށެވެ.
”އަޅުގަނޑުމެން ބުރަވަނީ މިކަމުގައި އިންވެސްޓް ކުރެވޭނެ ކަމަށް. އަހަރުން އަހަރަށް ބަހަން ޖެހޭ ކަންކަމަށް ދަތިނުވާނެ ގޮތަށް، ހާޖަތްތަކަށް ބަލައިގެން އިންވެސްޓް ކުރެވިދާނެ ކަމަށް ޝަރުއީ ހަމަތަކުގެ އަލީގައި.“
މީގެ އިތުރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޒަކާތުގެ ބިލަށް އަލިއަޅުވާލައްވައި މިނިސްޓަަރު ވިދާޅުވީ މި ބިލު އެކުލަވާލާފައިވާ ގޮތުން އިންވެސްޓު ކުރެވިދާނެ ގޮތްތައް، އެކަމާއި ގުޅޭ އުސޫލުތައް ހިމެނޭ ކަމަށެވެ.
ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށްދޭ ސްކޮލާޝިޕް ހާވާލުކުރުމުގެ ޖަލްސާގައި އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ޚާސިލްކުރުމަށްދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕް 24 ފަރާތަކަށް ދީފައިވެ އެވެ. މީގެ ތެރެއިން ފުލް ސްކޮލާޝިޕް ދީފައިވަނީ 17 ފަރާތަކަށެވެ. ސްޓިޕެންޑް 6 ފަރާތަކަށް ދީފައިވާއިރު ޓިއުޝަން ފީ ދީފައިވަނީ އެއް ފަރާތަކަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޒަކާތު ފަންޑް



