ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރ ޓާމިނަލްއިން ފިޓްސް އެއާއަށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ.
މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ހަތަރުވަނަ އެއާލައިނެވެ. އަދި އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ސްރީ ލަންކާގެ ފުރަތަމަ އެއާލައިނެވެ.
މި ރަސްމިއްޔާތުގައި ފިޓްސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 71 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ފިޓްސް އެއާގެ ފުރަތަމަ މަތިންދާބޯޓު, 8ޑީ-921 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 154 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ފިޓްސް އެއާ އަކީ ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ދަތުރުތައް ފެށީ 2022 ގައެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން އަދި ކުންފުނީގެ ބޯޑް މެންބަރުންނާއި އިސްވެރިންގެ އިތުރުން ފިޓްސް ހޮލިޑޭސްގެ ޑިރެކްޓަރު އަނާހް ކާސިމް އަދި ފިޓްސް އެއާގެ އޮޕަރޭޝަންސް އެގްޒެކެޓިވް އިބްރާހިމް އަމީން ހަސަން މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ.
ޓާމިނަލް އެކަކުން މިހާރު ވަނީ މޯލްޑިވިއަން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން އެއާ އަރަބިއާގެ އިތުރުން، ލަގްޒަރީ އެއާލައިން ބިއޮންޑްއަށް ހިދުމަތް ދޭން ފަށައިފަ އެވެ.



