ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދެންމެ ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި އިސްލާހުގެ މައިގަނޑު މަޤްސަދަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ އުސޫލުތައް މުރާޖަޢާކުރުމެވެ. މީގެ އިތުރުން، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގައި މުހިންމު މާލީ ނިންމުންތައް ނިންމުމުގައި ޢަމަލުކުރާނެ އުސޫލުތައްވެސް މި އިސްލާހުގައި ހިމެނިފައިވެއެވެ.
އިސްލާހުގެ ދަށުން، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރީގެ މަސައްކަތްތަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. އަދި މި ޝަރުތުތަކާ ޚިލާފުވާ ވިޔަފާރިތައް، އިސްލާހަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްޓާލަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުގެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި، ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ބިންތަކާއި ޢިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގޭނެކަން ކަނޑައަޅާފައިވެއެވެ. އަދި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މުވައްޒަފުން ހަމަޖެއްސުމާއި، ބިމާއި ފަޅާއި ފަރު ސަރަހައްދު ކުއްޔަށް ދިނުމާއި، އައު ތަރައްޤީގެ މަޝްރޫޢުތައް ފެށުމުގައި ޢަމަލުކުރާނެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.
”މި އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް“ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، މި އިސްލާހުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމް


