ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 އެމެރިކާ ޑޮލަރު ގެއްލިފައިވާ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުޤީޤްކުރަން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއްގައި އަތުލައިގަނެވުނު ފައިސާއާ ބެހޭގޮތުން ފާހަގަކުރެވުނު ޖުމްލަ ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި މައްސަލައިގައި ފަރަގު ހުރިކަން ފާހަގަކުރެވިފައިވަނީ 2025 އޯގަސްޓް 13 ވަނަ ދުވަހުއެވެ. ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، ހަލާކުވެފައިވާ ފައިސާވެސް ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅުގެ ތެރެއިން ފެނިފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން، ފޮރެންސިކް މެދުވެރިކޮށް އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި މި މައްސަލައިގައި އެއްވެސް ފަރާތަކުން އިހުމާލުވެފައިވޭތޯ ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.



