އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 10،800 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ފަލަސްތީނުގެ ގައިދީންގެ އިންފޮމޭޝަން އޮފީހުން ބުނެފި އެވެ.
މިއީ 2000 ވަނަ އަހަރަށްފަހު އިޒްރޭލްގެ ޖަލު ތަކުގައި ފަލަސްތީނުގެ ރައްޔިތުން އެންމެ ގިނަ އަދަދަކަށް ބަންދުކުރި ފަހަރު ކަމަށްވެސް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ފަލަސްތީނުގެ 10،800 އަށްވުރެ ގިނަ ޤައިދީން އިޒްރޭލުގެ ޖަލު ތަކުގައި ތިބިއިރު މީގެތެރޭގައި 49 އަންހެނުންނާއި 450 ކުޑަކުދިން ހިމެނެ އެވެ.
ޖަލުގައި ތިބި މީހުންގެ ތެރެއިން 3,613 މީހުން ތިބީ އެއްވެސް ދައުވާއެއް ނުކޮށް އަދި އެއްވެސް ޝަރީއަތެއް ނުކޮށް ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ. އަދި މިއީ މިފަހުގެ ތާރީހެއްގައި، ’އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން’ގައި މިހާ ގިނަ އަދަދެއްގެ މީހުން ތިބިފަހަރު ކަމަށްވެސް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާގައި 2023 އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޖަރީމާތައް ފެށިފަހުން، އިސްރާއީލުގެ ސިފައިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ހައްޔަރުކުރުމުގެ ކެމްޕޭންތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.
މީގެއިތުރުން ޣައިރު ޤާނޫނީ ހަނގުރާމަވެރިން ގޮތުގައި ލެބަނަން އަދި ސީރިއާއަށް ނިސްބަތްވާ 2000 އަށްވުރެ ގިނަ މީހުން ތިބި ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.
ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން އިންތިޒާމުވެގެން ހިންގަމުންދާ ޖަރީމާތަކުގައި ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، މުޅި ޣައްޒާ ހިފުމުގެ ޕްލޭނެއްވެސް އިޒްރޭލުން ވަނީ އެކުލަވާލާފަ އެވެ. އަދި އެކަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނު ކޮށްފައިވެ އެވެ. މީގެއިތުރުން ވަކި ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް އޮތުމަށް ހުރަސް އެޅުމުގެ ގޮތުން، ހުޅަނގު އައްސޭރީގައި ބާރުގެ ބޭނުންކޮށްގެން އިޒްރޭލުގެ ރައްޔިތުން ވަޒަންވެރި ކުރުވުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ކަންކަން ފާސްކުރާނެ ކަމަށް އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް ބުނެފައިވެ އެވެ.


