އިސްރާއީލުގެ ސަރުކާރުން ”ގްރޭޓަރ އިޒްރޭލް“ ގެ ނަމުގައި ކޮށްފައިވާ އިއުލާނަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ވާހަކައެއް ކަމަށާއި، ދިވެހިރާއްޖެއިން އެފަދަ އެއްވެސް ކަމަކަށް ތާއީދުނުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ އަންގާރަ ދުވަހު އައި24 ނިއުސް ޗެނަލްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ”ގްރޭޓަރ އިސްރާއީލް“ ގެ ވިސްނުމަށް އޭނާ ”ވަރަށް ބޮޑަށް ގުޅިފައިވާ“ ކަމަށެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ އޭނާއަކީ ”ތާރީޚީ އަދި ރޫޙާނީ މިޝަނެއްގައި“ ހުރި މީހެއްކަމަށެވެ.
”ގްރޭޓަރ އިސްރާއީލް“ އަކީ އިސްރާއީލުގެ ސަރަޙައްދު ވެސްޓް ބޭންކް، ޣައްޒާ އަދި ސީރިޔާގެ ގޯލަން އުސްބިމާ ހަމައަށް ފުޅާކުރުމަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެކެވެ. މީގެ ތެރޭގައި މިސުރުގެ ސިނާއީ ޕެނިންސުލާ އަދި ޖޯޑަންގެ ބައެއް ސަރަޙައްދުތައްވެސް ހިމެނޭކަމަށް ބައެއް ފަރާތްތަކުން މާނަކުރެއެވެ.
މި ވާހަކަތައް ކުށްވެރިކުރައްވަމުން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއިން މި ޕްލޭން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ބަލައިނުގަންނަ ކަމަށެވެ. އަދި މިފަދަ ބަސްމަގު ހިމެނޭ ބަޔާންތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު، އަދި ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުން ނިންމުމުގެ ޙައްޤަށް އުނިކަން ގެންނަ ކަންކަން ކަމަށް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ޣައްޒާގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށް ސައުތު ސޫދާންގައި ވަޒަންވެރިކުރުވުމަށް އިސްރާއީލުން ކުރަމުންދާ މަޝްވަރާތަކާ ގުޅޭގޮތުން ރައީސް މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މި އިތުރުވަމުންދާ ހަނގުރާމައިގައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް، އެ ރައްޔިތުންގެ ވޭނަށް ނިމުމެއް ގެނައުމަށް އަވަސް، ބައިނަލްއަޤްވާމީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައްޒާ ހަނގުރާމަ


