އެއްވެސް އިރެއްގައި އިންޑިއާ އައުޓް ޓީޝާޓެއް ލާފައި ނުވާނެކަމަށާއި ނަމަވެސް ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާ ގުޅޭ ޓީޝާޓެއް ލާފައިވާނެކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ނާޒިލް ވަނީ އިންޑިއާ އައުޓް ކެމްޕޭނުގައި އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެން މިނިސްޓަރު ހުންނެވިންތޯ އަދި އިންޑިއާއާއެކު ހާރިޖީ ގުޅުން ގާއިމުކުރުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް އެއްވެސް ސޯޝަލް މީޑިއާއެއްގައި ވިދާޅުވެފައިވާނެ ތޯ ސުވާލުކުރައްވާފަ އެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓަރު އިންޑިއާ އައުޓް ޓީޝާޓެއް ލައިގެން ހުއްޓާ ސޯޝަލް މީޑިއާއިން އެއްވެސް މީހަކަށް ފެނިފައި ނުވާނެ ކަމަށެވެ.
ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައެއް ނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓައެއް. އެކަމަކު ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފާ ހުރެދާނެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިފައި ހުރެދާނެ ކަމަށާއި އެކަމާ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަން ކަމުގެ ދިފާއުގައި އެ ޓީޝާޓު ލައިގެން ހުރެވުމުން ފަހުރުވެރިވާ ކަމަށެވެ.
މީގެ އިތުރުން އަބަދުވެސް ގަބޫލުފުޅު ކުރައްވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަން ވާނީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި އަވައްޓެރި އެހެން ގައުމުތަކާއެކުވެސް އޮންނަން ވާނީ ވަރުގަދަ ގުޅުމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ރާއްޖެ - އިންޑިއާ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް



