ރައްޔިތުންގެ މަޖިލީހުގެ މި ދައުރު އިތުރު އެއް ހަފްތާއަށް ދަންމާލުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ މިދައުރު ކުރިއަށްދާނީ އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ، މުހިންމު މަސައްކަތްތަކެއް ނިންމުމަށް މަޖިލީހުގެ މިދައުރު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް ނިންމާފައިވާ ކަމަށެވެ.
މަޖިލީހުގެ ދައުރު ދަންމާލުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ ވޯޓުންނެވެ. ދައުރު ދަންމާލުމާ ދެކޮޅަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.
ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަޖިލީހުގެ ޖަލްސާތައް، އަހަރެއްގެ ތެރޭގައި ބެހިގެންވާނީ 3 ދައުރުގެ މައްޗަށެވެ.
މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.


