ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް ދެ ބޭފުޅުން އައްޔަނު ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ދެ ބޭފުޅުން އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީ މިއަދުގެ މަޖިލީހުގައި ވަނީ އިއްވާފަ އެވެ.
އެޗްއާރްސީއެމްއަށް އައްޔަނު ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކަކީ:
- މުހައްމަދު ފާރިސް ތާހާ / ހ. ސޯސަން
- މުހައްމަދު ޝަފީޤް މަހުމޫދް / މ. ޕޮޕީ
މި ދެ ނަން މަޖިލީހަށް ފޮނުއްވާފައިވަނީ، އެޗްއާރްސީއެމްގެ ދެ މެންބަރުންގެ މުއްދަތު 8 ސެޕްޓެމްބަރަށް ހަމަވާތީ އެވެ.
މި މައްސަލަ ދިރާސާ ކުރުމަށް ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަ އެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ، ނައިބުރައީސް މޫމިނާ ވަހީދު، މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު، މެންބަރު ސަމާއު އަހްމަދު ނަޖީބް އަދި މެންބަރު އިސްމާއިލް ހަބީބް އަބްދުއްރަހްމާން އެވެ.



