ބ. ތުޅާދޫގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.
ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ބ. އަތޮޅުގެ ރަށްތަކުގެ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ރަސްމިއްޔާތުގައި، މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މި މަޝްރޫޢުގެ ދަށުން ފުލުހުންގެ މަރުކަޒުގެ އިތުރުން ޖަލު ގޮޅިތަކާއި ވެހިކަލް ޝެޑެއްވެސް ތަރައްޤީ ކުރެވޭނެއެވެ.
ސަރުކާރުން މިހާރު ދަނީ މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ޕޮލިސް ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. މިގޮތުން މިވަގުތު 85 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ވެއެވެ.


