ބ. ކެންދޫގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު 119.3 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެންދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި އެމްޓީސީސީގެ އެމްޑީ އަހްމަދު ސައުދީ އެވެ.
މި މަޝްރޫގެ ދަށުން ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރާއި ނެރު ފުންކުރުމުގެ ގޮތުން 29،854 ކޮޑި މީޓަރުގެ ވެލި ނެގުމާއި، 112،016 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުން ހިމެނެ އެވެ. މި މަޝްރޫ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މީގެ އިތުރުން، 278 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 10 މޫރިން ބޮއި ހަރުކުރުމާއި، ޖެޓީ އާއި ރޭމްޕު އެޅުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ކުރިއަށް ގެންދާނެ އެވެ.
މަޝްރޫގެ ދަށުން 971 މީޓަރުގެ ރިވެޓްމަންޓު، 62 ފައިކަށި އަދި 29 ނެރު ފައިކަށި ޖެހުމުގެ އިތުރުން، 9 ބަނދަރު ބައްތި އާއި 2 ނެރު ބައްތި ޖަހާނެ އެވެ. އަދި އެއްގަމު ތޮށި ވަށައިގެން 5 މީޓަރު ފުޅާ ޕޭވްމަންޓް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)



