ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީ ކުރި 4،000 ސޯޝަލް ހައުސިންގ ޔުނިޓުގެ ތެރެއިން 640 ފްލެޓެއްގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
އެފްޑީސީން މިކަން ހާމަކޮށްފައިވަނީ އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު އެއް ލަނޑުދަނޑިއެއްގެ ގޮތުގައެވެ. މިއީ މުޅި މަޝްރޫޢުގެ 16 އިންސައްތައެވެ.
އެފްޑީސީން ބުނެފައިވާ ގޮތުގައި މިހާތަނަށް 667 އެއްބަސްވުމެއްގައި ސޮއިކުރުމަށް ތާވަލު ކުރެވިފައިވާއިރު، އޭގެ ތެރެއިން 640 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި ކޯޕަރޭޝަނުގެ އަމާޒަކީ ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުން.
އެފްޑީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބާކީ ހުރި ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ހިއްސާކުރަމުންދާ މިންވަރަކުން، އެ ފަރާތްތަކުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ ކަމަށާއި އަދި އެ ފަރާތްތަކަށް އެސްއެމްއެސް ކުރެވެމުންދާނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ. އެފްޑީސީން ބުނެފައިވަނީ އެ ކޯޕަރޭޝަނުން ފޮނުވާ އެސްއެމްއެސްގައި ލިންކެއް ނުފޮނުވާނެ ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް ފްލެޓް ލިބޭ ފަރާތުގެ މައުލޫމާތު އަދާހަމަކުރެވޭނެ ކަމަށާއި އަދި އެއްބަސްވުންވެސް ބަލާލެވޭނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ. އަދި ޔުނިޓްގެ މައުލޫމާތާއި ކުރެހުން ބަލާލެވޭނެ ކަމަށާއި ޔުނިޓަށް ދައްކަންޖެހޭ ފައިސާ ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް، އެޕްލިކޭޝަން ހުށަހެޅި ފަރާތުގެ ނުވަތަ ކޯ-އެޕްލިކެންޓްގެ އައިޑީކާޑުގެ އަސްލު، ހެކިވެރިޔާގެ އައިޑީކާޑޫގެ އަސްލާއި ދެ ކޮޕީ، ޒިންމާ އަދާކުރާ ފަރާތް ފުރިހަމަކޮށްފައިވާ ފޯމު އަދި އައިޑީކާޑުގެ ދެ ކޮޕީގެ އިތުރުން އެޕްލިކަންޓް ނުވަތަ ކޯ-އެޕްލިކަންޓް ސޮއި ކުރުމަށް ހާޒިރު ނުވެވޭނަމަ ނޯޓަރައިޒްކޮށްފައިވާ ޕަވަރ އޮފް އެޓާނީ އަދި ފޯމް ބޭނުންވާނެ ކަމަށް އެފްޑީސީން މައުލޫމާތުދީފައިވެ އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް



