އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އަލަށް ހުޅުވި އައިނު ފިހާރައިގެ ކިޔޫގައި 1267 މީހުން ތިބި ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުވުނު މި ފިހާރައިން ހިލޭ އައިނު ހެއްދޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ. އަދި ދުވާލަކު 40 އެއްހާ މީހުންގެ ލޮލުގެ ޗެކަޕް ހަދަމުންދާ ކަމަށާއި، މިހާތަނަށް 131 އައިނު ދޫކޮށްފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ ކުރިން އައިޖީއެމްއެޗްއިން ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިން ނަމަވެސް، އައިނާ ގުޅޭ އެއްވެސް ޚިދުމަތެއް ނުދޭކަން ފާހަގަކުރެވެއެވެ. ނަމަވެސް އާންމު ރައްޔިތުން ބޮޑު އަގުގައި އައިނު ހައްދަން ޖެހޭ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވުމަށް ނިންމާފައެވެ.
އައިނު ފިހާރައިގެ ޚިދުމަތް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް 3335150 ނަންބަރަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ. މި ޚިދުމަތަށް ލިބެމުންދާ ތަރުހީބުން ދައްކުވައިދެނީ މިފަދަ ޚިދުމަތެއްގެ ބޭނުން ރައްޔިތުންނަށް ޖެހިފައިވާ މިންވަރެވެ.



